Aug 19, 2024

އޮމަދޫ ހުޅަނގު ތުނޑީ ޞަރަޙައްދުން ބޮޑު ބައެއް ގިރާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިރަށު ހުޅަނގު ހޭޅިފަށުން ބޮޑު ޞަރަޙައްދެއް ވަނީ ގިރާލާފައެވެ. ވޭތުވެދިޔަ އަހަރުތަކުގައިވެސް މި ޞަރަޙައްދުން ބޮޑު ބައެއް ގިރާލާފައިވެއެވެ. މި ޞަރަޙައްދަކީ ރަށުގެ އެންމެ ރީތި ގޮނޑުދޮށުގެ ގޮތުގައި ފާހަގަކުރެވޭ ޞަރަޙައްދަށް ވުމުގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ގިނަ ފަރާތްތަކުންވެސް ހިތްހަމަޖެހުން ހޯދާ ތަނެއްގެގޮތުގައި މި ޞަރަޙައްދު ފާހަގަކޮށްލެވެއެވެ.

މި ޞަރަޙައްދު ވަރަށްބޮޑަށް ގިރަމުން ދާތީވެ، ވޭތުވެ ދިޔަ އަހަރުތަކުގައި ކައުންސިލުން ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް އެ ޞަރަޙައްދު ޙިމާޔަތްކުރުމަށް ތަކުރާރުކޮށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރުވަނީ އެ ޞަރަޙައްދު ޙިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ޙަވާލުކުރެވިފައެވެ. މި މަސައްކަތް ޙަވާލުކުރެވިފައިވަނީ، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތާއެކުގައި ކަމަށްވުމުން، ބަނދަރުގެ މަސައްކަތް ހުއްޓުމާގުޅިގެން، އެ މަސައްކަތްވެސްވަނީ ހުއްޓިފައެވެ.

މޫސުމަށް އަންނަ އެކި ބަދަލުތަކާއި، ބޮޑަށް ހުޅަނގު މޫސުމުގައި ގަދަވުމުގެ ސަބަބުން ރަށުގެ ހޭޅިފަށުން ގިނަ ޞަރަޙައްދުތަކެއްވަނީ ގިރާލާފައެވެ. އަދި ރައްޔިތުން ދިރިއުޅޭ ގޯތި ގެދޮރާއި ދެމެދު 100 ފޫޓުގެ ދުރުމިން ނުހުންނަވަރަށް ރަށްގިރުމުގެ ނުރައްކާ ވަނީ ބޮޑުވެފައެެވެ.