ކައުންސިލް

ކައުންސިލް ފެށިގެން އަދި ގޮތް: 1945 ވަނަ އަހަރާ ހަމައަށްވެސް ވެރިކަމުގެ ވަކި އިދާރާއެއް ނުހުރެއެވެ. ކުރީގަ އިދާރާއަކަށް ބަލައި އުޅުނީ އެންމެ އިސްވެރިއެއްގެ ގެއެވެ. ދެވަނަ ބޮޑު ހަނގުރާމަ 1945 ގައި ނިމި ކުޑަކޮށް ކާޑުގެ ބާވަތްތަށް ލިބެން ފެށުމާއި ގުޅިގެން ކާޑުގެ އުފެދި "ކޫޕަން" އުޞޫލުން ކާޑު ވިއްކަން ފެށުމުން ވެރިކަމުގެ އިދާރާއަކީ "ކާޑުގޭއިދާރާ" ކަމަށް ވެފައިވެއެވެ. 1958 ގެ މެދަކާ ހަމައަށް އަންނަންދެން މިގޮތަށް އޮތުމަށްފަހު ވެރިކަމުގެ އިދާރާގެ ނަން "ވެރިންގެ އޮފީސް" މިގޮތަށްލިޔެ ބޭނުންކުރެވިފައިވެއެވެ. އޭގެ ފަހުން 1960 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި "އ. އޮމަދޫ އޮފީސް" މިގޮތަށް ބަދަލުވެ ލިޔުންތައް ލިޔެ ބޭނުން ކޮށްފައި ހުއްޓެވެ. އަދި ރާއްޖޭގެ އައު ޤާނޫނު އަސާސީއާއި ގުޅިގެން 1998 ޖަނަވަރީ 1 ން ފެށިގެން އަރިއަތޮޅު ދެކުނުބުރި ކަމުގައި ހަމަޖައްވައި ވެރިކަމުގެ އިދާރާގެ ނަން " އދ. އޮމަދޫ އޮފީސް" ކަމުގައި ހަމަޖެހުނެވެ. 2009 ވަނަ އަހަރު "އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ" ގެ ނަމުން ނަން ދެވުނެވެ. އޮމަދޫ ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު” އިން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުވައްސަސާއެކެވެ. ހަމައެއާއެކު އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުގެ ބާރާއި އަދި އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫ ޝަޚުސެކެވެ.

ތަޞައްވުރު

ކައުންސިލްގެ ތަސައްވުރަކީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ އަކީ އަރިއަތޮޅުގެ ނަމޫނާ ރަށް ކަމުގައި ހެދުމެވެ.

އަމާޒު

ކައުންސިލްގެ އަމާޒަކީ އޮމަދޫއަކީ ތަޢުލީމީގޮތުން ކުރިއަރާފައިވާ، ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރިވެ، އިޖްތިމާޢީ ކަންކަމުގައި ޢަމަލީގޮތުން ޝާމިލުވާ، ކުޅިވަރުގެ ރޮނގުން ޤައުމީ ފެންވަރުގައި ބައިވެރިވާ އަދި ޞިއްޙީގޮތުން ދުޅަހެޔޮ ރައްޔިތުން ދިރިއުޅޭ ރަށަކަށް ހެދުމެވެ. އަދި އަރިއަތޮޅު ދެކުނުބުރީ އޮމަދޫއަކީ އިސްލާމްދީނަށާއި އަދި ޤާނޫނުލް ޢުޤޫބާތަށް އަހުލުވެރިވެފައިވާ، ނަޒާހަތްތެރި އަދި ދީނީ ރޫޙު އަށަގެންފައިވާ ރައްޔިތުން ދިރިއުޅޭ ރަށެކެވެ.